-1765641539035.webp)
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ޑޮކްޓަރަށް ދައްކަވަމުންދަނީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް، ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. މަޢުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.
ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވީ، މަޢުރޫފް ޒާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިފައިވަނީ، ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ޙާމަކުރައްވާފައެއް ނުވެއެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭގައި މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން، މަޢުރޫފް ޒާކިރާއެކު ތިން މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މި ތިން މީހުންގެ މައްޗަށް މިހާރު ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މީގެ އިތުރުން، މިމަހުގެ 10 ވަނަ ދުވަހު މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން، އިހުތިޖާޖުގައި ބައިވެރިވި 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ، އެ އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާ، އެފަރާތްތަކާ ހަވާލުކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މި އިޙްތިޖާޖުގެ ބައިވެރިންނާ މުއާމަލާތްކޮށް، މި އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، މާލޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި މާލޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.